Saturday, 25 January 2014

މަތީ ސާނަވީގައި ކިޔަވަން ތައްޔާރުވަމުންދާ ދަރިވަރުންނަށް ހާއްސަ ނަސޭހަތުގެ ބަސްކޮޅެއް

 

މަތީ ސާނަވީ މަރުހަލާއަކީ ސާނަވީ މަރުހަލާއާއި ވަރަށް ތަފާތު މަރުހަލާއެކެވެ. ކިޔަވައިދޭ ގޮތާއި ކިޔަވަންޖެހޭ ގޮތްވެސް ތަފާތުވާނެއެވެ. ކިޔަވާ މާއްދާތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މަތީ ސާނަވީ މަރުހަލާ މުހިންމުވާ އެތަށް ސަބަބެއް ވެއެވެ. އެގޮތުން، މި މަރުހަލާގައި ދަރިވަރު ނެރޭ ނަތީޖާއަކީ އެދަރިވަރުގެ ކުރިމަގަށް ވަރަށް މުހިއްމު ނަތީޖާއަކަށް ވެގެން ދެއެވެ. އެއީ، މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދުމަށް ކުރާ އިޢުލާނުތަކުގައި މިހާރު އާންމުކޮން ފަށަނީވެސް އޭލެވެލްގެ ނަތީޖާއިންނެވެ. ހާއްސަކޮށް، ޑިޕްލޮމާއާއި، ބެޗެލަރސް ޑިގްރީ ފެންވަރުގެ ކޯސްތަކުން ފަސޭހަކަމާއި އެކު ޖާގަ ހޯދަން ބޭނުންނަމަ އޭލެވެލްގައި ވަރަށް ރަގަޅު ނަތީޖާއެއް ނެރެ ދައްކަން ޖެހެއެވެ. ވަޒީފާތަކަށް މީހުން ހޯދުމަށް ކުރާ އިޢުލާންތަކުގައިވެސް، ވަރަށް އާދައިގެ ވަޒީފާތަކަށް ވެސް މިހާރު ބޮޑަށް ބަލަނީ  އެންމެ ދަށްވެގެން އޭލެވެލްގެ މާއްދާތަށް ހަދާފައިވާ މީހުން ހޯދުމަށެވެ.

ސާނަވީ (އޯލެވެލް) އަދި މަތީ ސާނަވީ (އޭލެވެލް) ގެ އެއްމެ ބޮޑު ތަފަތާކީ އާދައިގެ މަރުހަލާއަކުން (އޯޑިނަރީ) އެއައްވުރެ މަތީ ނުވަތަ އެޑްވާންސް’ މަރުހަލާއަކަށް ދަރިވަރުގެ އުނގެނުމުގެ ތަޖުރިބާތައް ބަދަލުވެގެންދާ ދިއުމެވެ. ސަމާލުވާށެވެ. މިހާރު ތިދަރިވަރު ކުރިމަތި ތިލަނީ މުޅިން ތަފާތު މަރުހަލާއެއްގައި ކިޔެވުމަށެވެ. އެހެންވީމާ، މި މަރުހަލާގައި ކިޔެވުމުގެ ކަންތައްތައް ކުރިއަށް ގެންދަންޖެހޭ ގޮތްވެސްއެޑްވާންސް’ ވާނެކަން ދަނެގެން މިހާރުން ފެށިގެން އެކަމަށް ތައްޔާރުވާށެވެ. ކުރީގައި ކިޔެވި ކިޔެވުމާއި މިހާރު ކިޔަވަން ތިޔަ އުޅޭ ކިޔެވުމާއި ދެމެދު ހުރި ފަރަގުތައް ހޯދާ، މި މަތީ މަރުހަލާގައި އުނގެނުމުގެ ކަންކަން އެންމެ ފަހި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުން ފެށިގެން ވާންފަށާށެވެ.

މަތީ ސާނަވީގައި ކިޔަވާ މާއްދާތަކަށް ތަފާތު އަންނައިރު އެ މާއްދާތަކުން އުނގެނޭ މައުލޫމާތުގެ ލެވެލް މަތިވާނެއެވެ. މީގެ މާނައަކީ، ފިލާވަޅުގައި ބުނާއެއްޗެއް ރަނގަޅަށް ފަހުމުނުވެ ހަމައެކަނި ހިތުދަސްކޮށްލައިގެން ގޮސް އިމްތިހާނު ހަދައިގެން ރަގަޅު ކާމިޔާބީއެއް ހޯދުމުގެ ފުރުސަތު މި ލެވެލްގައެއް ނޯންނާނެއެވެ. ސަބަބަކީ، މި މަރުހަލާގައި ވަރަށް ބޮޑަށް ދަރިވަރުންގެ ވިސްނުމުގެ ގާބިލުކަމާއި، ކަންކަން ހައްލުކުރުމުގެ ކުޅަދާނަކަންފަދަ މަތީ ލެވެލްގެ ހުނަރުތައް އިމްތިހާނު ކުރެވޭނެތީއެވެ. މިމަރުހަލާގައި ބޮޑަށް ބަލާނީ ފޮތުން ދަސްކުރާ މައުލޫމާތު އެފޮތުގައި ލިޔެފައި އޮތްގަޮތަށް އިމްތިހާނުގައި ލިޔުމުގެ ގާބިލުކަން ދަރިވަރުންގެ ކިބާގައި ހުރިތޯއެއް ނޫނެވެ. އޭގެ ބަދަލުގައި، މި މަރުހަލާގައި ބޮޑަށް ބަލާނީ ދަސްކުރި މައުލޫމާތު ތަފާތު އެކިކަހަލަ ހާލަތްތަކުގައި އެކިކަހަލަ ކަންކަން ހައްލުކުރުމުގައި ބޭނުން ކުރަން އެގޭތޯއެވެ.

މަތީގައި މި ބަޔާން ކުރެވުނު ބޮޑު ބަދަލާއިއެކު، މަތީސާނަވީގައި ކިޔަވަން ތައްޔާރުވާ ދަރިވަރުން ސަމާލުވާންޖެހޭ އެންމެ ބޮޑު އެއްކަމަކީ، ދަސްކުރުމުގައި ކުރިން ތި ގެންގުޅެމުން އައި ހުރިހާ އެއްޗެއް ހިތުދަސްކޮށްގެން އަކުރުން އަކުރަށް ލިޔުމުގެ އާދަ ދޫކޮށްލާ، ދަސްކުރާ އެއްޗަކާއި ދޭތެރޭ ވިސްނާ، އެއެއްޗެއް ރަގަޅަށް ފަހުމުކޮށް، އެ މައުލޫމާތު ތަފާތު އެކި ހާލަތްތަކުގައި ބޭނުން ކުރަން އެނގޭތޯ ބެލުމެވެ. މީގެ މާނައަކީ، މި މަރުހަލާގައި އެއްވެސް އެއްޗެއް ހިތުދަސްކުރަން ނުޖެހޭނެއެކޭ ނޫނެވެ. ހިތުދަސްކުރަންޖެހޭ ކަހަލަ މައުލޫމާތު ހިތުދަސްކުރަން ޖެހޭނެއެވެ. އެހެންނަމަވެސް، ކުރިން ތި ގެންގުޅެމުންއައި، ހުރިހާ ނޯޓެއް ހިތުދަސްކުރުމުގެ އާދައިން މަތީ ސާނަވީ މަރުހަލާގައި މާބޮޑު ފައިދާއެއް ނުކުރާނެއެވެ.

އުނގެނުނު މައުލޫމާތު ބޭނުން ކޮށްގެން އަމިއްލަ އިބާރާތުން އެއްޗެއް ލިޔުމަކީ އަދިވެސް ވަރަށް ގިނަ ދަރިވަރުންނަށް އުނދަގޫ ކަމެކެވެ. އެހެންނަމަވެސް މީ ވަރަށް މުހިއްމު ކަމެކެވެ. ހާއްސަކޮން މަތީސާނަވީ މަރުހަލާގައި ކިޔަވަން ފެށުމުން މިކަމުގެ މުހިއްމުކަން ތިދަރިވަރުންނަށް ވިސްނެންފަށާނެއެވެ. އެހެން ކަމުން، މިހާރުން ފެށިގެންވެސް، އަމިއްލަ އިބާރާތުން، ދިވެހިބަހުންނާއި އިނގިރޭސި ބަހުންވެސް، ތަފާތު އެއްޗެހިލިޔެވޭތޯ ބަލާށެވެ. ކުލާހުގައި ނޯޓްނެގުމާއި، އަދި ކިޔާފޮތަކުން މުހިއްމު ނޯޓްތައް ނެގުމުގެ ހުނަރުތައްވެސް ދަސްކުރަންޖެހޭނެއެވެ. ސަބަބަކީ، މުދައްރިސް ދައްކާ ހުރިހާ ވާހަކައެއް، ނުވަތަ ކިޔާ ފޮތެއްގައި ހުންނަ ހުރިހާ މައުލޫމާތަކީ، މިހާލަތަށް އެހާ މުހިއްމު އެއްޗަކަށް ނުވެދާނެއެވެ.

މައުލޫމާތުގެ މުއްސަނދިކަމަކީ، އެކަމުގެ ފައިދާ އެކިގޮތްގޮތުން ދަރިވަރުންނަށް ކުރާނެ ކަމެކެވެ. ހާއްސަކޮށް، މަތީ ސާނަވީގައި ކިޔަވާ ދަރިވަރުންގެ މައުލޫމާތުގެ ފެންވަރު ވަރަށް މަތިވާންޖެހޭނެއެވެ. ހަމައެކަނި ކިޔަވާ ޓެކްސްޓް ފޮތުގައި ހުންނަ މަައުލޫމާތާއި، މުދައްރިސް ކުލާހުގައި ކިޔަވައިދޭއިރު ދައްކާވާހަކައުން ނުވަތަ ދޭނޯޓަކުން ލިބޭ މައުލޫމާތަކުން އެކަނި ފަރުޖައްސާލެވޭކަށް ނޯންނާނެއެވެ. ވީހާވެސް ގިނަގޮތްގޮތުން މައުލޫމާތު ހޯދާ، ތިދަރިވަރުންގެ މައުލޫމާތުގެ ހަޒާނާ ވަރަށް މުއްސަދިވާން ޖެހޭނެއެވެ. ފޮތްތަކާއި، މަޖައްލާތަކުން، ޓީވީއާއި ރޭޑިއޯ ޗެނަލްތަކުން، އަދި އިންޓަނެޓް ވެބްސައިޓްތަކާއި ބްލޮގްތަކުން، އަދި މިނޫނަސް މައުލޫމާތެއް ލިބެން ހުރި ހުރިހާ ދިމާއަކުން މައުލޫމާތު ހޯދާ އެއްކުރަންޖެހެއެވެ. މިގޮތަށް މައުލޫމާތު ހޯދާއިރުވެސް ވިސްނަންޖެހޭނެ އެއްމެ މުހިއްމު ކަމަކީ، ތިދަރިވަރުން ކިޔަވާ މާއްދާތަކާއި ގުޅޭ، ތިޔަ ދަރިވަރުންނަށް އެމައުލޫމާތެއްގެ ސަބަބުން ފައިދާ ކުރާނެފަދަ މައުލޫމާތު ހޯދުމެވެ.

ފޮތްކިޔުމުގެ މުހިއްމު އާދައަކީ މަތީ ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުންގެ ކިބާގައި ހުރުން ހަމަ ކޮންމެހެން ލާޒިމު ސިފައެކެވެ. ސަބަބަކީ، ރަގަޅު މައުލޫމާތު ހޯދުމުގެ އެންމެ ބޮޑު ވަސީލަތަކީ ފޮތް ކަމުގައި ވާތީއެވެ. ފޮތުގެ ގޮތުގައި މިތާ މިމާނަކުރަނީ، ކިޔައިގެން މަައުލޫމާތު ހޯދާ ހުރިހާ ވަސީލަތްތަކެއް ޝާމިލުވާ ގޮތަށެވެ. ކިޔުންތެރިކަމަކީ ކޮންމެ ދަރިވަރެއްގެ ކިބާގައިވެސް ހަރުލައްވަންޖެހޭ މުހިއްމު އާދައެކެވެ. އެއީ ހުނަރެކެވެ. އަމިއްލަ ނަފްސު އެކަމަށް ލޯބިޖައްސުވާ ހާނުވަންޖެހޭ މުހިއްމު ސިފައެކެވެ. ކިޔުންތެރިކަމުގެ އާދަ ހަރުލެއްވިއްޖެނަމަ މައުލޫމާތު ހޯދުމުގައި ވަރަށް ބޮޑެތި ފަސޭހަތަކެއް ތިދަރިވަރުންނަށް ލިބިގެންދާނެއެވެ. އޭގެ ސަބަބުން، މި މަރުހަލާގައި ކިޔަވާ ކިޔެވުމުން އެދެވޭ ކާމިޔާބީއެއް ހޯދުމުގެ މަގު ތަނަވަސް ވެގެން ދާނެއެވެ.

މަތީ ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރަކަށްވީތީ ދެން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ އަނެއް ކަމަކީ ދުނިޔެއަށް ލޯހުޅުވުމެވެ. މީގެ މާނައަކީ، ތިމާގެ ވިސްނުމާއި ފިކުރު، މުޖުތަމައުގައާއި ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ހިނގާ ކަންކަމަށް އަމާޒު ކުރުމެވެ. އެކަންކަމުގެ ފަހަތުގައިވާ ސަބަބުތައް ހޯދާ ދިރާސާކޮށް އެކަންކަމަށް އޮތް ހައްލުތަކާއި ދޭތެރޭ ވިސްނާ ފިކުރު ހިންގުމެވެ. މި މަރުހަލާގައި ކިޔަވާ ދަރިވަރުން ވާންވާނީ، މުޖުތަމައުގެ ތެރޭގައި ހިނގާ އެކިކަހަލަ ކަންކަމާއި ދޭތެރޭ ވިސްނާ ފިކުރުކުރާ ބަޔަކަށެވެ. ގައުމުގެ ދީނީ، އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ކަންކަމާއި މެދު ބިނާކުރަނިވި ގޮތަކަށް ބަލާ ވިސްނާ، ތިމާގެ އެކުވެރިންނާއި އެކު މިދާއިރާތަކުން ޢިލްމީ މަޝްވަރާތައް ކުރުމަކީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭނެ މުހިއްމު ކަމެކެވެ.

މަތީގައި މި ބަޔާންކުރި ހުރިހާ ކަމެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތި ދަރިވަރުންނަށް ހާސިލުކުރެވޭނީ ތިޔަ ދަރިވަރުންގެ އަމިއްލަ ނަފްސު ހޮޔޮކަންކަމަށް ތަރުބިއްޔަތުކޮށް ހޮޔޮ މަގު އިޚްތިޔާރު ކޮށްގެންނެވެ. ރިވެތި އަހްލާގަކީ މަތީ ސާނަވީ މަރުހަލާގައި ކިޔަވާދަރިވަރުންގެ ކިބައިން ފެންނަންޖެހޭނެ އެންމެ މަތިވެރި ސިފައެވެ. ތިޔަ ދަރިވަރުންނަކީ، ސްކޫލުގެ އެންމެ މަތީ ލެވެލްގައި ކިޔަވާ ދަރިވަރުންނަށްވާތީ ތީން ކޮންމެ ދަރިވަރަކުވެސް ވާނީ، ސްކޫލުގައި ދެން ކިޔަވާ އެހެން ދަރިވަރުންނަށްވާ ނަމޫނާ އަކަށެވެ. އެހެންކަމުން، ރިވެތި ސިފަތަކުން ޒީނަތްތެރިވެ، ރިވެތި ބަސްމަގު އިހްތިޔާރުކޮށް، އިހްތިރާމްކުރުމާއި، އަދަބުވެރިވުމާއި، ވަގުތަށް ސަމާލުވުމާއި، ވަގުުތުތަރުތީބުކުރުމާއި އަދި މިނޫނަސް އަހްލާގީ އެންމެހާ ރިވެތި އާދަތަކުން ތީން ކޮންމެ ދަރިވަރަކުވެސް ޒީނަތްތެރިވެ ހޮޔޮނަމޫނާ ބަޔަކަށްވާންޖެހެއެވެ.

ތިދަރިވަރުން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ އެންމެ މުހިއްމު ކަމަކީ، ތިދަރިވަރުންނަކީ މުސްލިމުން ކަމެކެވެ. ތަސައްރަފު ފުދިފައިވާ މުސްލިމް ދަރިވަރުންތަކެއް ކަމެވެ. އިސްލާމް ދީނަކީ ދިރިއުޅުމަށް އޮތް އެންމެ ސާފު ތެދު މަގުކަމަށްވާއިރު، އަދި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީވަނީ މިދީނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުކޮށްގެން ކަމަށް ވާއިރު، އިސްލާމީ ރިވެތި ސިފަތަކުން ސިފަ ލިބިގަނެ، މިމަތިވެރި ދީނުގައި އަންގަވާފައިވާ އެންގެވުންތަަކަށް ފުރިހަމަށް ބޯލަބާ އިޖާބަދޭންޖެހޭނެ ކަން ދަންނާށެވެ. ފަސްވަގުތު ބަރާބަރަށް، އެނަމާދެއްގެ ކުރީގެ ވަގުތުގައި ނަމާދުގެ ވާޖިބު އަދާކުރަން ސަމާލުވާށެވެ. ކީރިތި ޤުރުއާން ކިޔަވާ، މާތްﷲއަށް ޒިކުރު ކުރުމަށް ވަގުތު ހޭދަކުރާށެވެ. ކާމިޔާބީ ވަނީ މާތްﷲގެ ހަޟްރަތުންނެވެ. އުނގެނުމުގައާއި، ދިރިއުޅުމުގައި އަދި އާޚިރަތުގައިވެސް ކާމިޔާބީ ދެއްވުންއެދި ތަކުރާރުކޮށް މާތްﷲއަށް ދުޢާ ކުރަމުން ގެންދާށެވެ.

މާތްﷲ ތިޔަ ދަރިވަރުންނަށް ކާމީޔާބީ މިންވަރު ކުރައްވާށި! އާމީން