ވަރަށް ގިނައިން އަޅުގަނޑުމެން ކުރާ ޝަކުވާއެކެވެ. އަޅުގަނޑުމެންގެ ދަރީންނަށް އުނގަންނައި ދިނުމަށްޓަކައި ބޮޑެތި ޤުރުބާނީތަށްވެ ބޮޑެތި ހަރަދުތަށް ކުރަމުންދާއިރުވެސް އެދަރީންނަށް ދެވޭ ތަޢުލީމުން ހެޔޮބަދަލުތަކެއް ނުފެންނަ ކަމުގެ ޝަކުވާއެވެ. ދަރީންގެ އުޅުން އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުން އަންނަ ކަމުގެ ޝަކުވާއެވެ. ވިޔާނުދާ އެތަށް ކަމެއްގައި ބަނދެވެމުން ދާކަމުގެ ޝަކުވާއެވެ.
ޝަކުވާ ކުރުން ރަނގަޅެވެ. ހަޤީޤަތަކީވެސް މިއީއެވެ. އަޅުގަނޑުމެންގެ ދަރީންގެ އަޚްލާޤު ގޯސްވަމުންދަނީއެވެ. އަނެއްކޮޅުން އެދަރީންނަށް ތަޢުލީމު ދިނުމަށްޓަކައި ކުރާ ހޭދަތަށްވެސް އެތަށް ގުނައަކަށް އިތުރުވަމުން ދަނީއެވެ. ސަރުކާރުންވެސް ތަޢުލީމަށް ކުރާހޭދަ އެއްއަހަރުން އަނެއްއަހަރަށް އިތުރުވަމުން ދަނީ އެވެ. މިހާ ހިސާބުން ދަންނަންވީ އެއްކަމަކީ ހަމައެކަނި ޝަކުވާކޮށްގެން ފުދެން ނެތްކަމެވެ. މިހެން މިކަންތައްތައް ވާންޖެހުނު ސަބަބަކީ ކޮބައިތޯ ވިސްނާ ބަލާ ހޯދަން ޖެހެއެވެ. ކޮންމެ ގޯހެއްގެ ފަހަތުގައި ނުބައެއް އޮންނާނެއެވެ.
އަޅުގަނޑުމެންނަށް ނުބައިކޮން ކުރެވުނުކަމަކީ ތަޢުލީމާއި ތަރުބިއްޔަތުގެ އަސްލު މަޤުޞަދު ހަނދާން ނައްތާލެވުން ނުވަތަ އޮޅުވާލެވުމެވެ. ތެދުވެރިކަމާއެކު އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ދަރީން މިވަރުން ސްކޫލު މަދަރުސާތަކަށް އެތަށް އަހަރެއްވަންދެން ފޮނުވައިގެން އެދަރީންނަށް އުނގަންނައިދޭން މިކުރާ މަސައްކަތުގެ ބޭނުމަކީ ކޮބާހެވެ؟ ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ތަޢުލީމުގެ މަގުޞަދެއްކަމުގައި ހަދާފައިވަނީ ހަމައެކަނި ދުނިޔެވީ ބޭނުންތަކެއް ޙާޞިލު ކުރުންކަމެވެ. ދަރީންނަށް މަތީ މަޤާމުތަކާއި ބޮޑެތި މުސާރަލިބޭ ވަޒީފާތަށް ލިބިދިނުމަށް މަގުފަހި ކުރުވުމެވެ. އެދަރީންނަކީ ދުނިޔަވީ ގޮތުން މަޝްހޫރު ބަޔަކަށް ހެދުމެވެ.
އަޅުގަނޑުމެންގެ ޤައުމުގެ ރަސްމީ ތަޢުލީމީ ނިޒާމުވެސް ބައްޓަން ކުރެވިފައިވަނީ މާއްދިއްޔަތުގެ މުހިއްމުކަން ދަރިވަރުންގެ ހިތްތަކަށް ވަރަށް ބޮޑަށް ވަންނަފަދަ ގޮތަކަށެވެ. އެއީ ކިތަންމެ ފަށުވި ޢިބާރާތަކުން އަޅުގަނޑުމެންގެ ތަޢުލީމީ ފަލްސަފާ ލިޔެވި ރައްކާކުރެވިފައި ވިޔަސްމެއެވެ. ސްކޫލު މަދަރުސާތަކުން ދަރިވަރުންނަށް ބާރު އަޅަނީ ކޮންމެ ގޮތަކުންވިޔަސް މަތީ ވަނަތަށް ހޯދުމަށެވެ. އުނގަންނައިދިން އެއްޗެއް ފަހުމު ވިޔަސް ނުވިޔަސް މައްސަލައެއްނެތެވެ. ކިޔަވައިދެވުނު ފިލާވަޅުތަކާއި ފޯރުކޮށްދެވުނު އިރުޝާދުތަކާއި އެއްގޮތަށް ދަރިވަރުން ޢަމަލު ކުރިއަސް ނުކުރިއަސް މައްސަލައެއްނެތެވެ. ސްކޫލު މަދަރުސާތަކުން ފަޚުރުވެރިވަނީ ދަރިވަރުންނަށް ލިބޭ މަތީވަނަތަކުން އެފަދަތަންތަން އިތުރަށް މަޝްހޫރުވެގެން ދާތީއެވެ. އެތަންތަނުގެ އިސްވެރީންގެ އަގު ބެލެނިވެރިންނާއި އާންމުންގެ ކުރިމަތީގައި އުފުލިގެން ދާތީއެވެ. އަޅުގަނޑުމެންނަށް ހިތްވަރު ދެވެނީ ވެސް މިގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށެވެ.
ހުދު އަޅުގަނޑުމެންގެ އަމިއްލަ ފަރުދީ ދިރިއުޅުމާއި މެދު ވިސްނާލަމާހެވެ. އަޅުގަނޑުމެންގެ ދަރީންނަށްޓަކައިވާ ރިވެތި ނަމޫނާތަކަކަށް އަޅުގަނޑުމެންނަށް ވެވުނުހެއްޔެވެ؟ އެންމެ ކުޑަމިނުން ފަރަޟު ފަސް ނަމާދަށް ރައްކާތެރިވުން އަޅުގަނޑުމެންނަށް މިވަނީ ބުރަ ކަމަކަށްވެފައެވެ. ދެން އަޅުގަނޑުމެންގެ ދަރީންނަށް ނަމާދު ކުރުމާއި އެހެނިހެން ހޮޔަކަންތައްތައް ކުރުމަށް ހިތްވަރުދީ އަމުރު ކުރާނީ ކޮންފަދަޔަކުން ހެއްޔެވެ؟ އަޅުގަނޑުމެންގެ އުޅުންތެރިކަމާއި، ގުޅުންތެރިކަން، އަދި މުޢާމަލާތުކުރުން ހުރީ އިސްލާމީ އުސޫލުތަކާއި އެއްގޮތަކަށް ނޫނެވެ. އަޅުގަނޑުމެންގެ ވަގުތުތަކާއި މެދު އަޅުގަނޑުމެން ޣާފިލުވެފައިވާއިރު ވަގުތުގެ ބޭނުން ހޮޔޮގޮތުގައި ހިފުމަށް އަޅުގަނޑުމެންގެ ދަރީންނަށް ނަސޭހަތްތެރިވާނީ ކިހިނެއް ހެއްޔެވެ؟
މައްސަލައަކީ ހަމަ އެއްމެ މައްސަލައެކެވެ. އެހެން ހުރިހާ މައްސަލައެއްގެ ހައްލު ބިނާވެގެން ވަނީވެސް ހަމަ އެއްމައްސަލަ އަކާއެވެ. އެއީ އަޅުގަނޑުމެން މުސްލިމުންކަމުގައި ދަޢުވާ ކުރާހާލު އަޅުގަނޑުމެން މިދުނިޔެއަށް ފޮނުއްވުނު މަޤުޞަދާ ޚިލާފަށް އަޅުގަނޑުމެންގެ ޢަމަލުތަށް ބެހެއްޓިފައިވުމެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ އަސްލު މަޤުޞަދަކަށް ވާންޖެހޭނީ ހަރުދަނާ މުސްލިމު ފަރުދަކު ބިނާކުރުމެވެ. މުސްލިމަކަށް ވީތީ ފަޚުރުވެރިވާ އިސްލާމީ އުސޫލުތަކަށް ފިކުރީގޮތުންނާއި ޢަމަލީގޮތުން އިޙްތިރާމުކުރާ ފަރުދަކު ބިނާކުރުމެވެ. މިނޫންގޮތަކަށް މިކަން ކުރެވެމުންދާހާ ދުވަހަކު އަޅުގަނޑުމެންގެ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ގޯސްވެގެން ދިއުންފިޔަވައި އެހެންކަމެއްނުވާނެވެ. އެއީ އަޅުގަނޑުމެންގެ ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ ނަމުގައި ކިތައްމެ ބޮޑު ޤުރުބާނީއެއްވެ، ކިތައްމެ ބޮޑު ޚަރަދުތަކެއް ކުރިކަމުގައި ވިޔަސްމެއެވެ.