Thursday, 2 June 2011

ދަރީންގެ އަޚްލާޤު ގޯސްވަނީ ކީއްވެބާ!

ވަރަށް ގިނައިން އަޅުގަނޑުމެން ކުރާ ޝަކުވާއެކެވެ. އަޅުގަނޑުމެންގެ ދަރީންނަށް އުނގަންނައި ދިނުމަށްޓަކައި ބޮޑެތި ޤުރުބާނީތަށްވެ ބޮޑެތި ހަރަދުތަށް ކުރަމުންދާއިރުވެސް އެދަރީންނަށް ދެވޭ ތަޢުލީމުން ހެޔޮބަދަލުތަކެއް ނުފެންނަ ކަމުގެ ޝަކުވާއެވެ. ދަރީންގެ އުޅުން އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުން އަންނަ ކަމުގެ ޝަކުވާއެވެ. ވިޔާނުދާ އެތަށް ކަމެއްގައި ބަނދެވެމުން ދާކަމުގެ ޝަކުވާއެވެ.

ޝަކުވާ ކުރުން ރަނގަޅެވެ. ހަޤީޤަތަކީވެސް މިއީއެވެ. އަޅުގަނޑުމެންގެ ދަރީންގެ އަޚްލާޤު ގޯސްވަމުންދަނީއެވެ. އަނެއްކޮޅުން އެދަރީންނަށް ތަޢުލީމު ދިނުމަށްޓަކައި ކުރާ ހޭދަތަށްވެސް އެތަށް ގުނައަކަށް އިތުރުވަމުން ދަނީއެވެ. ސަރުކާރުންވެސް ތަޢުލީމަށް ކުރާހޭދަ އެއްއަހަރުން އަނެއްއަހަރަށް އިތުރުވަމުން ދަނީ އެވެ. މިހާ ހިސާބުން ދަންނަންވީ އެއްކަމަކީ ހަމައެކަނި ޝަކުވާކޮށްގެން ފުދެން ނެތްކަމެވެ. މިހެން މިކަންތައްތައް ވާންޖެހުނު ސަބަބަކީ ކޮބައިތޯ ވިސްނާ ބަލާ ހޯދަން ޖެހެއެވެ. ކޮންމެ ގޯހެއްގެ ފަހަތުގައި ނުބައެއް އޮންނާނެއެވެ.

އަޅުގަނޑުމެންނަށް ނުބައިކޮން ކުރެވުނުކަމަކީ ތަޢުލީމާއި ތަރުބިއްޔަތުގެ އަސްލު މަޤުޞަދު ހަނދާން ނައްތާލެވުން ނުވަތަ އޮޅުވާލެވުމެވެ. ތެދުވެރިކަމާއެކު އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ދަރީން މިވަރުން ސްކޫލު މަދަރުސާތަކަށް އެތަށް އަހަރެއްވަންދެން ފޮނުވައިގެން އެދަރީންނަށް އުނގަންނައިދޭން މިކުރާ މަސައްކަތުގެ ބޭނުމަކީ ކޮބާހެވެ؟ ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ތަޢުލީމުގެ މަގުޞަދެއްކަމުގައި ހަދާފައިވަނީ ހަމައެކަނި ދުނިޔެވީ ބޭނުންތަކެއް ޙާޞިލު ކުރުންކަމެވެ. ދަރީންނަށް މަތީ މަޤާމުތަކާއި ބޮޑެތި މުސާރަލިބޭ ވަޒީފާތަށް ލިބިދިނުމަށް މަގުފަހި ކުރުވުމެވެ. އެދަރީންނަކީ ދުނިޔަވީ ގޮތުން މަޝްހޫރު ބަޔަކަށް ހެދުމެވެ.

އަޅުގަނޑުމެންގެ ޤައުމުގެ ރަސްމީ ތަޢުލީމީ ނިޒާމުވެސް ބައްޓަން ކުރެވިފައިވަނީ މާއްދިއްޔަތުގެ މުހިއްމުކަން ދަރިވަރުންގެ ހިތްތަކަށް ވަރަށް ބޮޑަށް ވަންނަފަދަ ގޮތަކަށެވެ. އެއީ ކިތަންމެ ފަށުވި ޢިބާރާތަކުން އަޅުގަނޑުމެންގެ ތަޢުލީމީ ފަލްސަފާ ލިޔެވި ރައްކާކުރެވިފައި ވިޔަސްމެއެވެ. ސްކޫލު މަދަރުސާތަކުން ދަރިވަރުންނަށް ބާރު އަޅަނީ ކޮންމެ ގޮތަކުންވިޔަސް މަތީ ވަނަތަށް ހޯދުމަށެވެ. އުނގަންނައިދިން އެއްޗެއް ފަހުމު ވިޔަސް ނުވިޔަސް މައްސަލައެއްނެތެވެ. ކިޔަވައިދެވުނު ފިލާވަޅުތަކާއި ފޯރުކޮށްދެވުނު އިރުޝާދުތަކާއި އެއްގޮތަށް ދަރިވަރުން ޢަމަލު ކުރިއަސް ނުކުރިއަސް މައްސަލައެއްނެތެވެ. ސްކޫލު މަދަރުސާތަކުން ފަޚުރުވެރިވަނީ ދަރިވަރުންނަށް ލިބޭ މަތީވަނަތަކުން އެފަދަތަންތަން އިތުރަށް މަޝްހޫރުވެގެން ދާތީއެވެ. އެތަންތަނުގެ އިސްވެރީންގެ އަގު ބެލެނިވެރިންނާއި އާންމުންގެ ކުރިމަތީގައި އުފުލިގެން ދާތީއެވެ. އަޅުގަނޑުމެންނަށް ހިތްވަރު ދެވެނީ ވެސް މިގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށެވެ.

ހުދު އަޅުގަނޑުމެންގެ އަމިއްލަ ފަރުދީ ދިރިއުޅުމާއި މެދު ވިސްނާލަމާހެވެ. އަޅުގަނޑުމެންގެ ދަރީންނަށްޓަކައިވާ ރިވެތި ނަމޫނާތަކަކަށް އަޅުގަނޑުމެންނަށް ވެވުނުހެއްޔެވެ؟ އެންމެ ކުޑަމިނުން ފަރަޟު ފަސް ނަމާދަށް ރައްކާތެރިވުން އަޅުގަނޑުމެންނަށް މިވަނީ ބުރަ ކަމަކަށްވެފައެވެ. ދެން އަޅުގަނޑުމެންގެ ދަރީންނަށް ނަމާދު ކުރުމާއި އެހެނިހެން ހޮޔަކަންތައްތައް ކުރުމަށް ހިތްވަރުދީ އަމުރު ކުރާނީ ކޮންފަދަޔަކުން ހެއްޔެވެ؟ އަޅުގަނޑުމެންގެ އުޅުންތެރިކަމާއި، ގުޅުންތެރިކަން، އަދި މުޢާމަލާތުކުރުން ހުރީ އިސްލާމީ އުސޫލުތަކާއި އެއްގޮތަކަށް ނޫނެވެ. އަޅުގަނޑުމެންގެ ވަގުތުތަކާއި މެދު އަޅުގަނޑުމެން ޣާފިލުވެފައިވާއިރު ވަގުތުގެ ބޭނުން ހޮޔޮގޮތުގައި ހިފުމަށް އަޅުގަނޑުމެންގެ ދަރީންނަށް ނަސޭހަތްތެރިވާނީ ކިހިނެއް ހެއްޔެވެ؟
މައްސަލައަކީ ހަމަ އެއްމެ މައްސަލައެކެވެ. އެހެން ހުރިހާ މައްސަލައެއްގެ ހައްލު ބިނާވެގެން ވަނީވެސް ހަމަ އެއްމައްސަލަ އަކާއެވެ. އެއީ އަޅުގަނޑުމެން މުސްލިމުންކަމުގައި ދަޢުވާ ކުރާހާލު އަޅުގަނޑުމެން މިދުނިޔެއަށް ފޮނުއްވުނު މަޤުޞަދާ ޚިލާފަށް އަޅުގަނޑުމެންގެ ޢަމަލުތަށް ބެހެއްޓިފައިވުމެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ އަސްލު މަޤުޞަދަކަށް ވާންޖެހޭނީ ހަރުދަނާ މުސްލިމު ފަރުދަކު ބިނާކުރުމެވެ. މުސްލިމަކަށް ވީތީ ފަޚުރުވެރިވާ އިސްލާމީ އުސޫލުތަކަށް ފިކުރީގޮތުންނާއި ޢަމަލީގޮތުން އިޙްތިރާމުކުރާ ފަރުދަކު ބިނާކުރުމެވެ. މިނޫންގޮތަކަށް މިކަން ކުރެވެމުންދާހާ ދުވަހަކު އަޅުގަނޑުމެންގެ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ގޯސްވެގެން ދިއުންފިޔަވައި އެހެންކަމެއްނުވާނެވެ. އެއީ އަޅުގަނޑުމެންގެ ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ ނަމުގައި ކިތައްމެ ބޮޑު ޤުރުބާނީއެއްވެ، ކިތައްމެ ބޮޑު ޚަރަދުތަކެއް ކުރިކަމުގައި ވިޔަސްމެއެވެ.

Wednesday, 1 June 2011

ޤައުމީދުވަސް ފާހަގަ ކުރަނީ...؟

(މިލިޔުމަކީ އަޅުގަނޑު ދީނީ ނިއުސް.ކޮމް އަށް ލިޔުނު ލިޔުމެކެވެ.)


ކުރީއަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ފާހަގަ ކުރަމުންދަނީ މަޖަލާ ކުޅިވަރުގެ ހަރަކާތްތަކާއި ޕްރޮގްރާމް ތަކެއްގެ ތެރޭގައެވެ. ތިމަންމެން މިތިބީ "100% އިސްލާމީ ޤައުމެއްގައި" ކަމުގައި ބުނެ ފަޚުރުވެރިވަމުން، އިސްލާމީ މަތިވެރި އުޞޫލުތައް މުގުރަމުން އެންމެހާ ލާދީނީ ޢަމަލުތަކާއި މުންކަރާތްތައް ފަތުރާ ޢާންމު ކުރެވޭނެ ގޮތަށެވެ.


ވަރަށް ޚާއްޞަ އިސްކަމެއްދީގެން އެފަދަ ހަރަކާތްތައް ހިންގަމުން ދަނީ ސްކޫލު މަދަރުސާ ތަކުގައެވެ. ދިވެހި ޅަދަރިންގެ ފިކުރާއި ވިސްނުން މަޖަލާއި ކުޅިވަރުގެ ތެރެއަށް ޣަރަޤު ކުރުވަމުންނެވެ. ދިރިއުޅުމަކީ މަތިވެރި މަގުޞަދެއް ނެތް އެއްޗެއްކަމުގެ މެސެޖު ދެމުންނެވެ. ޤައުމީ ލޯތްބާއި، ޤައުމީ ޖޯޝާއި، ޤައުމީ ރޫޙް އާލާ ކުރުމުގެ ނަމުގައެވެ.


ޤައުމުދެކެ ހަޤީޤީ ލޯތްބެއްވާނަމަ، ފަހެ ހަޤީޤީ ލޮލަކުން ޤައުމުގެ ޙާލަތަށް ނަޒަރު ހިންގާލައްވާށެވެ. ޙަޤީޤީ ޝުޢޫރުތަކެއް ހިތުގައި ހިނގާނަމަ ތެދުވެރި ޟަމީރަކުން ޤައުމުގެ ޙާލާތާއި މެދު ވިސްނާ ފިކުރުކޮށް ބަލާށެވެ. އެއަށްފަހު ބުނެބަލާށެވެ. މިޤައުމުގެ ހާލަތު އޮތީ އުފާކޮށް، ނަށާ، ލަވަކިޔުން ޙައްޤު ޙާލަތެއްގައި ހެއްޔެވެ.


ޒުވާނުންގެ ތެރެއިން ބޮޑު އާބާދީއެއް އޮތީ މަސްތީ ވަބާގައި ނިދާފައެވެ. މާރާމާރީއާއި ތަޅާފޮޅުންވަނީ ވިސްނުމަށްވެސް ގެންނަން ދަތި ހިސާބަކަށް ގޮސްފައެވެ. މީސްތަކުންގެ ފުރާނައާއި ގެދޮރާއި މުދަލުގެ ޙުރުމަތް ދަނީ ޖެހިލުމެއް ބިރެއްނެތި ކަނޑަމުންނެވެ. ވައްކަން ކުރުމާއި ރިޝްވަތު ވަނީ ޢާންމު ވެފައެވެ. ދެންވެސް ހަމަ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ނަމުގައި މިއުޒިކު ޖަހައި ނަށަންވީ ހެއްޔެވެ؟


ދެޖިންސުގެ އެދުންވެރިކަމުގެ ޝަހުވަތު ފުއްދުމުގައި ހަމައެއް ލަމައެއް ނެތެވެ. ޅަދަރިންގެ ޢިއްފަތް ދަނީ ލޫޓުވަމުންނެވެ. މިނިވަންކަމުގެ ނަމުގައި ދިވެހި އަންހެނުންވަނީ ވަހުޝީ ބައެއްގެ ލޮލާއި ހިތުގެ ފިނިކަމަށް ބޭނުންކުރާ ޖިންސީ ސާމާނުތަކަކަށް ހަދާފައެވެ. މިކަންތައްތައް ދެންވެސް ފާހަގަކުރަންވީ ފެޝަން ޝޯތަކެއް ބާއްވައިގެން ހެއްޔެވެ؟


ހިތާމަހުއްޓެވެ. މީވެސް ހަމަ ޤައުމުދެކެ ލޯބިވާވަރުން ޤައުމީ ޖޯޝާއި ފޯރި އާވެ އާލާވެ ފުރި އުތުރޭވަރުން ހަމަނިދި ނައިސްގެން އުޅޭ ބަޔަކު އިސްނަގައިގެން ހިންގާ ޙަރަކާތްތަކެކެވެ. އެހެނެއްނޫނެވެ. އެބައިމީހުންނަކީ ޤައުމުގެ ހަލާކަށް ގޮވާލާ ހިތްވަރުދޭ މީހުންނެވެ.


ޤައުމުގެ އެންމެ އަފުރާދަކުވެސް ހަމަ މަގުން ކެހިގޮސް މަގުއޮޅިފައިވާ ޙާލު، ޤައުމުގެ ހަމަ އެންމެ ރައްޔިތަކަށްވެސް ނުހައްޤުން އަނިޔާދެވެމުންދާ ހިނދު، ޤައުމީ ލޯބި އާލާކުރުމުގެ ނަމުގައި ނާޗަރަންގީ ކުޅޭނީ ކޮން ހަމަޔަކުން ހެއްޔެވެ؟ އިސްލާމީ ވަޙުދަތު ޙިމާޔަތްކުރުމުގެ ނަމުގައި، ޤައުމީ ރޫޙު އާލާކުރުމުގެ ނަމުގައި މިއުޒިކާއި، ނެށުމާއި، ފާޑުފާޑުގެ ޝޯތަކުން ވަގުތު ބޭކާރު ކޮށް ފާހިޝް ޢަމަލުތައް މުޖުތަމަޢުގައި ފަތުރާނީ ކަނޑައެޅިގެން އިސްލާމްދީނާއި ދިވެހި ޤައުމުގެ ޢަދުއްވުންނެވެ. އެބައިމީހުންނަކީ ދިވެހިޤައުމަށް ހެޔޮއެދޭކަމުގެ ފޭރާން ބޭރުފުށުން ލައިގެން ތިބި ޚިޔާނާތްތެރީންނެވެ.


އޭ ލޮބުވެތި އަޚުންނާއި އުޙުތުންނޭވެ! މިއަދު އަޅުގަނޑުމެންވީ މިޤައުމު ވައްޓާލާފައިވާ އަނދިރި ވަޅުގަނޑުން ނަގައި އަމާން އައްސޭރިއަކާއި ހަމަޔަށް ގެންދެވޭތޯ ފިސާރި ކެރިގެން ތެދުވެ ހެޔޮގޮތުގައި މަސައްކަތް ކުރާށެވެ. މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ފަތުރައި، ހެޔޮކަންކަމަށް ވާގިވެރިވެ މުންކަރާތްތަކާއި ފާހިޝް ކަންކަމުން ތިމާ ދުރުވެގެންވާ ޙާލު އެހެނިހެން މީސްތަކުންވެސް ދުރުކުރަން މަސައްކަތް ކުރާށެވެ. ޝައިޠާނާގެ އެކުވެރީން ކަމުގައިނުވެ ދީނާއި ޤައުމަށް ހެޔޮހިތަކުން ހެޔޮއެދޭ ބަޔަކު ކަމުގައި ވުމަށެވެ. ތިމާގެ އަމިއްލަ ނަފުސުގެ ހައްޤުގައެވެ. ތިމާ ދިރިއުޅޭ މުޖުތަމައުގެ ހައްޤުގައެވެ. މިޤައުމުގެ ހައްޤުގައެވެ. އަދި ކިއެއްތަ މުޅި އުއްމަތުގެވެސް ހައްޤުގައެވެ.