ފިލާވަޅު ދަސްކުރާއިރު ފިލާވަޅަށް ދޭންވާ ސަމާލުކަން ނުދެވުމަކީ ނުވަތަ ދޭން
އުނދަގޫވުމަކީ ވަރަށް ގިނަ ދަރިވަރުންނަށް ކުރިމަތިވާ މައްސަލައެއް ކަމުގައި
ފާހަގަ ކުރެވެއެވެ. ރަގަޅަށް ސަމާލުކަންދީގެން ފިލާވަޅުތައް ދަސްކޮށް ހެދުމަކީ
ކުލާހުގައާއި އަދި އިމްތިހާނުތަކުގައިވެސް ކާމިޔާބީ އާއެކު ކުރިއަށް ދިއުމަށް
މުހިންމު ކަމެކެވެ. ތިރީގައި މި ހުށައަޅާލަނީ ފިލާވަޅު ދަސްކުރާއިރު ދޭންޖެހޭ
ސަމާލުކަން އިތުރު ކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ މުހިއްމު 7 ކަމެކެވެ.
·
ކިޔެވުމަށް ހާއްސަ ކުރެވިފައިވާ މަޑުމައިތިރި އަމާން މާހައުލެއްގައި ކިޔަވަން އާދަކުރާށެވެ. ކިޔެވުމަށް ދޭންޖެހޭ ސަމާލުކަމަށް ހުރަސްއެޅޭނެފަދަ އެއްވެސް އުނދަގުލެއްނުވާ ތަނެއްގައި އިނދެގެން ކިޔަވާށެވެ. ކިޔަވަން ހާއްސަކޮށްފައިވާ
ސަރަހައްދުން ކިޔެވުމަށް ބޭނުންވާ ފޮތްތަކާއި އިތުރު ތަކެތި ފަސޭހައިން ނެގޭނެ
ގޮތަކަށް ތަރުތީބު ކޮށްފައި ބަހައްޓާށެވެ.
·
ނިންމަންޖެހޭ ފިލާވަޅުތަކާއި އެފިލާވަޅުތައް ނިންމަންޖެހޭ ތާރީޚްތައް ފަސޭހަކަމާއެކު ފެންނާނެހެން ޓޭބަލެއް ނުވަތަ ޝެޑިއުލެއް ތައްޔާރު ކުރާށެވެ.
އަދި މި ޓޭބަލް ނުވަތަ ޝެޑިއުލް ފަސޭހަކަމާއެކު ފެންނާނެ ގޮތަކަށް ބަހައްޓާށެވެ.
·
ދަސްކުރާ ފިލާވަޅުތައް އެންމެ ފަސޭހައިން ދޭހަވާ ވަގުތުތަކުގައި ކިޔެވުމަށް ފަރުވާތެރިވާށެވެ. ބައެއް ދަރިވަރުންނަށް ފިލާވަޅު
ދޭހަވުމަށް އެންމެ ފަސޭހައީ ފަތިހުގެ ނުވަތަ ހެނދުނުގެ ކުރީކޮޅުގެ ވަގުތު ތަކަށް
ވާއިރު ބައެއް އެހެން ދަރިވަރުންނަށް ހަވީރުގެ ވަގުތު ނުވަތަ ރޭގަނޑުގެ
ވަގުތަކީވެސް ފިލާވަޅު ދަސްކުރުމަށް އެންމެ ފަސޭހަ ވަގުތުކަމުގައި ވެދާނެއެވެ.
·
ވަރުބަލިވެފައި ނުވަތަ ބަނޑުހައިވެފައި ހުރެގެން ކިޔަވަން ނީށީންނާށެވެ. އޭރުން ކިޔެވުމަށް ދޭންވާ
ސަމާލުކަން ދިނުމަށް ބޭނުންވާ ހަކަތައެއް ނުހުންނާނެއެވެ. ދުޅަހެޔޮ ސިއްހަތަކ،ީ ސަމާލުކަމާއި އެކު ކަންކަން ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
·
ގިނަވަގުތު ނަގާ ބޮޑު ފިލާވަޅެއްނަމަ، އެ ފިލާވަޅު
ބައިބަޔަށް ބަހާލާށެވެ. އަދި ކޮންމެ ބައެއްވެސް ވަކިވަކިން އެކިފަހަރު މަތިން
ދަސްކުރަމުން ނުވަތަ ހަދަމުން ދާށެވެ. އެއްފަހަރާ މާގިނަ ވަގުތު ހޭދަކޮށްގެން
އެއްކަމެއް ކުރަން އުޅުނީމާ ގިނަފަހަރު އޮންނާނީ ފޫހިވެ އެކަން ކުރަންޖެހޭ އެންމެ ފަރުވާތެރި
ގޮތުގައި ނުކުރެވިފައެވެ.
·
ހަމަޖެހިލާށެވެ. މާބޮޑަށް ހާސްވެ ކަންބޮޑުވެ ހުރެގެން ފިލާވަޅު ދަސްކުރުމަށް ދޭންޖެހޭ ސަމާލުކަމެއް
ނުދެވޭނެއެވެ. މާބޮޑަށް ދެރަވާކަހަލަ ފިކުރުތަކާއި ހިޔާލުތަކުން ދުރުހެލިވާށެވެ. ފަސްވަގުތު ނަމާދުކޮށް، ޤުރުވާންކިޔަވާ، ހެނދުނާއި ހަވީރުގެ ޒިކުރުތައްކޮށް، ކާމިޔާބީއަށް އެދި ގިނަގިނައިން ﷲއަށް ދުޢާ ކުރާށެވެ.
·
ދަސްކުރާ އެއްޗަކަށް ޝައުޤުވެރިކަން އުފެއްދޭތޯ މަސައްކަތް ކުރާށެވެ. ދަސްކުރާ ފިލާވަޅާއި އަމިއްލަ ހަޔާތާއި ގުޅުވާލެވޭތޯ ބަލާށެވެ. އޭރުން އެ ދަސްކުރާ އެއްޗަކީ ފައިދާ ހުރި އެއްޗެއްކަން އަމިއްލައަށް ވިސްނި އެ ފިލާވަޅު އިތުރަށް ދަސްކުރުމަށް އޮންނަ
ޝައުޤުވެރިކަން އިތުރުވެގެން ދާނެއެވެ.
ހަނދާންކުރާށެވެ. ފިލާވަޅަށް ދޭންޖެހޭ ސަމާލުކަން ނުދީ ފިލާވަޅު ދަސްކުރަން
އުޅުމަކީ، ފޫވެއްޓިފައިވާ ބާލިދީއަކަށް ފެންއަޅާ އެ ބާލިދީ ފުރަން މަަސައްކަތް
ކުރަން އުޅުން ކަހަލަ ކަމެކެވެ. ކިތަންމެ ގިނައިން ފެންއެޅިއަސް އެބާލިދީ އަކު
ފެނެއް ހަރެއް ނުލާނެއެވެ.