އިންސާނާ ދުނިޔެއަށް
އުފަންވުމަށްފަހު މި ދުނިޔެ ދޫކުރަންދެން ދުވަސްތައް ހޭދަ ކުރަންޖެހިފައިވަނީ
ދަސްކުރުމުގައެވެ. އެއީ ގަސްތުގައި އެއްޗެހިތަކެއް ދަސްކުރުމުގައި ނުވަތަ ގަސްތަކާ
ނުލާ އެއްޗެހިތަކެއް ދަސްވުމުގައެވެ. އިންސާނާ މިދުނިޔޭގައި ހޭދަ ކުރާ ހަމަ ކޮންމެ
ސިކުންތަކީ އެ އިންސާނާއަށް ލިބިދެވޭ އިތުރު ތަޖުރިބާއެކެވެ. ލިބިދެވޭ އިތުރު
ފިލާވަޅު ތަކެކެވެ. ކަންކަން އުނގެނި ދަސްކުރުމަކީ އިންސާނީ ތަބީޔަތުގައި ﷲ
ލައްވާފައިވާ މާތް މަތިވެރި ސިފައެކެވެ. އެހެން ނަމަވެސް، އެކި މީހުން ޝައުގުވެރިވަނީ
އެކި ކަންކަން ދަސްކުރުމަށެވެ. އެކި ކަހަލަ ކަންކަން ތަޖުރިބާ ކުރުމަށެވެ.
ދަސްކުރުމުގެ ވާހަކަ ދައްކާއިރު،ފާހަގަ
ކޮށްލަންޖެހޭ އަނެއް ހާއްސަ ކަމަކީ އެކި މީހުން ދަސްކުރުމުގައި ގެންގުޅޭ އުސޫލުތައް
ތަފާތުކަމެވެ. ދަސްކުރުމުގެ ގޮތްތަކުގެ މައްޗަށް ވާހަކަ ދައްކާފައިވާ ތިއަރީތަކާއި
އަދި މިދާއިރާގައި ހޯދާފައިވާ ޢިލްމީ ހޯދުންތަކުން ހާމަ ކޮށްދީފައިވަނީ
އެކިމީހުންނަށް ދަސްކުރުމުގައި ފަސޭހަވަނީ އެކިގޮތްގޮތަށް ދަސްކުރީމާ ކަމެވެ. އަދި
އެކަކު އެކި ކަހަލަ އެއްޗެހި ދަސްކުރުމުގައި ތަފާތު ގޮތްގޮތް ބޭނުން ކޮށްގެން
ދަސްކުރުމުގައި ފަސޭހަކަން ހޯދާފާނެ ކަމެވެ. މިސާލަކަށް: ބައެއް މީހުންނަކީ
ލިޔުންތައް ކިޔައިގެން ދަސްކުރާ ބަޔަކަށްވާއިރު، އަނެއް ބަޔަކު ތަފާތު ކުރެހުމާއި
ތަސްވީރުފަދަ ތަކެއްޗަށް ބަލައިގެން ދަސްކުރަން ފަސޭހަވާކަން ވަނީ ހާމަވެފައެވެ. އަދި
ހަމަ އެހެންމެ، އަޑުއަހައިގެން ދަސްކުރުމާއި އަދި ކަންކަން އަމަލީގޮތުން
ތަޖުރިބާކޮށްގެން ދަސްކުރުމަކީވެސް ވަރަށްގިނަ ބަޔަކަށް ދަސްކުރުމުގައި ފަސޭހަކަން
ލިބިގެންދާ ގޮތްތަކެއްކަން ވަނީ ހާމަ ވެފައެވެ.
ދަސްކުރުމުގެ ގޮތްތަކުގެ އިތުރުން
ދަސްކުރުމުގެ ތަފާތު ހުނަރުތައް އުނގެނި، ދަސްކުރުމުގައި އެހުނަރުތައް ބޭނުން
ކުރުމަކީ، ދަސްކުރުމަށް އިތުރު އަވަސް ކަމަކާއި
ފަސޭހަކަމެއް ލިބިދެވޭ ކަމެއްގެ އިތުރުން، ދަސްކުރުމުގެ މަސައްކަތަށް އިތުރު ޝައުގުވެރިކަމެއް
ގެނުވާ، އަދި އެ ޝައުގުވެރިކަން ދަމަހައްޓާ ކަމެއް ކަންވެސް ހޯދުންތަކުން ސާބިތު
ކޮށްދެއެވެ. ދަސްކުރުމުގެ ހުނަރުތައް ދަސްކުރުމަކީ، ދަސްކުރަން ދަސްކުރުމޭ
ބުނެވިދާނެއެވެ. ދަސްކުރަން ދަސްކުރުމަކީ ވަރަށް ބޭނުންތެރި މުހިއްމު ކަމެކެވެ.
ހާއްސަކޮން ސްކޫލް އަދި މަދަރުސާތަކުގައާއި، ކޮލެޖް އަދި ޔުނިވަރސިޓީތަކުގައި
ކިޔަވާ ދަރިވަރުން، ދަސްކުރުމުގެ ހުނަރުތަށް އުނގެނި ދަސްކުރުމަކީ ކޮންމެހެން
ކުރަންޖެހޭ ނުހަނު ބޭނުންތެރި ކަމެކެވެ.
ދަސްކުރުމުގެ ހުނަރުތަށް ދަރިވަރުންނަށް
އެނގި އެތަންފީޒުކުރަން ފެށުމުން ތަފާތު ގިނަގުނަ ފައިދާތައް ދަރިވަރުންނަށް
ލިބިގެންދެއެވެ. އެގޮތުން، ދަސްކުރުމަކީ ފޫހިކަމެއްނެތި ފޯރިއާއެކު ކުރާހިތްވާ
ޝައުޤުވެރިކަމަކަށް ބަދަލުވެގެން ދެއެވެ. އަދި މީގެ އިތުރުން، ދަސްކުރުމުގައި
ފަސޭހަކަމާއި އަވަސްކަންލިބި ދަސްކުރާއެއްޗެއް އިތުރު ތަފްސީލުތަކާއި އަދި ގުޅޭ
މިސާލުތަކާއެކު ދަސްކުރުމަށް ބާރަކަށް ވެގެން ދެއެވެ. އަދި ހަމަ އެހެންމެ، ތަފާތު
މާއްދާތަށް ދަސްކުރުމުގައި ގެންގުޅެންވީ އުސޫލުތައް ދަސްވެ އެމާއްދާއަކާއި ގުޅޭ
ދަސްކުރުމުގެ ހުނަރުތަށް ބޭނުން ކުރަން ދަސްވެގެން ދިއުމާއެކު އެމާއްދާއަކާއި ގުޅޭ
ދާއިރާތަކުން އިތުރަށް ވިސްނާ، ކަންކަމުގައި ފިކުރު ހިންގާ، ޢިލްމީ މަސައްކަތްތަށް
ކުރަން ދަސްވެގެން ދެއެވެ.
ދަސްކުރުމުގެ ގޮތްފޮތް އުނގެނި ދަސްކުރުމަކީ
ދަސްކުރުމަށް އިޚްތިޔާރު ކުރެވޭ ކުރުމަގެން ނޫނެވެ. ނަމަވެސް އެމަގަކީ، ވަގުތު
ބޭކާރުކުރުމާއި، ފޫހިކަމާއި އަދި ތަރުތީބެއްނެތި ކަންކަން ކުރުމުން ސަލާމަތް
ކޮށްދޭ ދަސްކުރުމުގެ މަގެވެ. ދަސްކުރަން ދަސްކުރުމުން، ދަރިވަރުންނަށް އަމިއްލައަށް އުނގެނުމުގެ ލަނޑުދަނޑިތައް
ކަނޑައަޅަން ދަސްވެއެވެ. ވަގުތު ތަރުތީބުކޮށް، އެންމެ ފުރަތަމަ އިސްކުރަންވީ
ކަންކަން އެންމެ ފުރަތަމަ އިސްކުރަން ދަސްވެއެވެ. ދިރިއުޅުމުގެ ވައްޓަފާޅި،
އުނގެނުމަށް ބާރުލިބިދެވޭ ގޮތަށް ބައްޓަން ކުރަން ދަސްވެއެވެ. ކިޔުމާއި،
ވާހަކަދެއްކުމާއި، ބަހުސްކުރުމާއި، ނޯޓް ނެގުންފަދަ މުހިންމު ހުނަރުތައް ދަސްވެއެވެ. ވިސްނުމާއި އުނގެނުން ތަރައްޤީކޮށްދޭ
ކެއުންބުއިމުގެ ބާވަތްތަކުގެ މައުލޫމާތު ލިބިދެވެއެވެ. ބިރުގަތުމާއި އަދި ހާސްވެ
ކަންބޮޑުވުމުން ދުރުކޮށްދީ، ނިދި މެނޭޖް ކުރަން ދަސްވެއެވެ. އަދި މިނޫނަސް ތަފާތު
ގިނަގުނަ ފައިދާތައް މިކަމުގައި އެކުލެވިގެން ވެއެވެ.
No comments:
Post a Comment