ވަރަށް ތުއްތު އިރުންސުރެ ކުދިންގެ ކިބާގައި ކިޔުންތެރިކަމުގެ އާދަ
ހަރުލެއްވުމަށް މަސައްކަތް ކުރުމަކީ އެކަމުގެ ސަބަބުން ނުހަނު ގިނަގުނަ ފައިދާތައް
ކުރާ ކަމެކެވެ. ދިރާސާވެރިން ހާމަކުރައްވާ ގޮތުގައި، ކިޔުންތެރިކަމަކީ ކުދިންގެ ވިސްނުމުގެ ގާބިލުކަން އިތުރުކޮށްދީ، އެކުދިންގެ
މަދަރުސީ ތައުލީމުގައި ކާމިޔާބު ކުއްޖަކަށްވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ
ކަމެކެވެ. އަދި ހަމަ އެހެންމެ، މިކަމަކީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހޭދަކޮށް،
ފައިދާހުރި މައުލޫމާތު ހޯދާ، ބަހުގެ މުއްސަދިކަން އިތުރުކުރުމަށް ކުދިންނަށް
އެހީތެރިވެދީ، އަދި ކުދިންގެ އަމިއްލަ ނަފްސައް ކުރާ އިތުބާރު އިތުރުކުރުވާ ކަމެކެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި ކުއްޖާގެ ފުރަތަމަ ސްކޫލަކީ އެކުއްޖާގެ ގެއެވެ.
ކުއްޖާގެ ފުރަތަމަ ޓީޗަރަކީ އެކުއްޖާގެ ބެލެނިވެރިންނެވެ. ކުއްޖާއަކީ
ކިޔުންތެރިކަމަށް ލޯބިކުރާ، ކިޔުންތެރިކަމުގެ ހުނަރުތައް ދަސްކުރަމުން އަންނަ
ކުއްޖަކަށް ހެދުމުގެ ބިންގާ އަޅާނީ އެކުއްޖާ ފޮނުވާ ސްކޫލަކުން ނޫނެވެ.
ކިޔުންތެރިކަމުގެ އާދަ ހަރުލެއްވުމުގެ މުހިއްމު މަސައްކަތުގެ ފެށުން
އަންނަންޖެހޭނީ އެކުއްޖާގެ ވަރަށް ތުއްތު އިރުން ފެށިގެން އެކުއްޖާގެ ގެއިންނެވެ.
އެމަސައްކަތް ކުރަންޖެހޭ ފަރާތަކީ އެކުއްޖާގެ ބެލެނިވެރިންނެވެ.
ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ކިޔުންތެރިކަން ކުރިއެރުވުމަށް ކުރިން ކުރަމުން
އައި މަސައްކަތް އެގޮތުގައި ކުރިއަށް ގެންދިއުމަށް މިއަދު މިވަނީ ވަރަށް ބޮޑެތި
ގޮންޖެހުންތަކަކާއި ހުރަސްތަކެއް ކުރިމަތިވެފައެވެ. ޓީވީ ޗެނަލްތަކާއި، ވީޑިއޯ
ގޭމާއި، އިންޓަރނެޓާއި އަދި ސްމާރޓް ފޯނު ޓެކްނޮލޮޖީގެ ރަގަޅާއި ނުބައި އަސަރުތައް، ނުހަނު ބާރު މިނުގައި މުޖުތަމަޢު ތެރޭގައި ފެތުރިގެންދާ ދުވަސްވަރެއްގައި، ކުދިންގެ ކިބާގައި ކިޔުންތެރިކަމުގެ އާދަ ހަރުލެއްވުމަށް ބެލެނިވެރިންވެސް
އަދި ސްކޫލު މަދަރުސާތަކުންވެސް ދޭންވާ ސަމާލުކަން، ދޭންވާ ވަރަށް ނުދެވޭކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން ޒަމާނާ ހާލަތުގެ
ގޮތުންވެސް، ކިޔުންތެރިކަމުގެ އާދައާއި ހުނަރު ދިރުވާ އަލާކުރުމަށް އެންމެން
ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެހެންނަމަވެސް، މިކަމުގެ
އެންމެ ފުރަތަމަ މަރުހަލާ ފެށިގެން އަންނަންޖެހޭނީ، ކުރިންވެސް ބަޔާން
ކުރިފަދައިން، ކުއްޖާގެ ހަގުދުވަސްވަރުން ފެށިގެން އެކުއްޖާގެ ބެލެނިވެރިންގެ
ފަރާތުން އެކުއްޖާގެ ގެއިންނެވެ.
ތިރީގައި ލިސްޓް ކޮށްފައިވާ ނުކުތާތަކުގައި އެވަނީ ކުދިންގެ ކިބާގައި
ކިޔުންތެރިކަމަށް ލޯބި ޖައްސުވާ އެ އާދަ ހަރުލެއްވުމަށް ބެލެނިވެރިންނަށް ޢަމަލީގޮތުން
ކުރެވިދާނެ މުހިންމު ބައެއް ކަންތައްތަކެވެ.
1.
ނަމުނާ ދެއްކުން: ތަރުބިއްޔަތު ކުރުމުގައި ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތަކީ ހެޔޮ ނަމޫނާ ދެއްކުމެވެ. ކުދިންގެ ކިބާގައި
ކިޔުންތެރިކަމުގެ އާދަ ހަރުލައްވަން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަންޖެހޭނެ
ކަމަކީ ތިބާ އަކީ ކިޔުންތެރިކަމަށް ލޯބިކުރާ، ޢަމަލީ ގޮތުން ކުދީންނަށް
އެކަންދައްކާ މީހެއްކަމުގައި ވުމެވެ. އެގޮތުން، ކުއްޖާގެ އެންމެ ތުއްތު
އިރުންފެށިގެންވެސް އެކުއްޖާއަށް
ގޭތެރެއިން ފެންނަން ޖެހޭނެ އެއް މަންޒަރަކީ ތިބާ ފޮތް ކިޔުމުގައި
މަސްއޫލުވެ އުޅޭ މަންޒަރެވެ. އެކަމުގައި ޝައުޤުވެރިކަމާއެކު ވަގުތު ހޭދަކުރާ
މަންޒަރެވެ. ކިތަންމެ ބުރަކޮށް އުޅެމުންވެސް ކޮންމެވެސް ވަގުތު ކޮޅެއް ފޮތް
ކިޔުމަށް ހުސްކޮށް އެކަމުގައި ތިބާ ޝާމިލުވެ އުޅޭ މަންޒަރެވެ.
2.
ވަސީލަތްތައް
ހޯދައިދިނުން: ކުދިންގެ ކިބާގައި ކިޔުންތެރިކަމުގެ އާދަ
ހަރުލެއްވުމަށް އެކުދިން ޝައުގުވެރިވާ ކަހަލަ ވާހަކަތަކާއި މައުލޫމާތު ހުންނަ
ފޮތްފޮތާއި އާޓިކަލްތައް ހޯދައިދިނުމަކީ ބެލެނިވެރިންނަށް ކުރެވިދާނެ ވަރަށް
މުހިންމު ކަމެކެވެ. ކުދިންގެ ބަހުގެ މުއްސަނދިކަން އިތުރުކޮށް ދިނުމަށް
އެހީތެރިވުމަށްޓަކައި ރަދީފް، ޑިކްޝަނަރީ، އަދި އެންސައިކްލޮޕީޑިއާ ފަދަ
ތަކެއްޗަކީ ވަރަށް މުހިންމު ތަކެއްޗެވެ. މިގޮތަށް ހޯދައިދޭ މައުލޫމާތުގެ
ވަސީލަތްތައް ވާންވާނީ ކުދިންނަށް ހުރިހާގޮތަކުންވެސް ފައިދާކުރަނިވި، އެކުދިންގެ
އުމުރާއިގުޅޭ، އަދި ރަގަޅު ތަރުބިއްޔަތަކަށް ބާރުލިބިދޭފަދަ މެސެޖްތައް ލިބިދޭ
ތަކެއްޗަށެވެ. އަދި މީގެ އިތުރުން، ކިޔުންތެރިކަން އިތުރަށް ކުރިއަރުވުމަށް
އެހީތެރިވެދިނުމުގެ ގޮތުން އުފައްދާފައިވާ އީ-ބުކް ރީޑާރސް ފަދަ ތަކެއްޗަކީ ކުދިންގެ ކިޔުމުގެ ހުނަރު ކުރިއެރުވުމަށް
އެހީތެރިވެދީ އެކަމަށް ތަރުހީބު ދިނުމުގެ ގޮތުން ކުދިންނަށް ހޯދައިދެވިދާނެ
ވަސީލަތްތަކެވެ.
3.
ކިޔުމަށްފަހި މާހައުލެެއް ގާއިމުކޮށްދިނުން: ކުއްޖާއަކީ ކިޔުންތެރިކަމަށް ލޯބިކުރާ ކުއްޖަކަށް ހެދުމުގެ ނިޔަތުގައި
ކިތަންމެ ގިނަ ފޮތްތަކެއް ހޯދައިދިނަަސް އަދި ނުފުދެއެވެ. ކިޔުންތެރިކަން
ކުރިއަރުވަން ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމާއި އެކު އެވަސީލަތްތައް އެންމެ
އެކަށީގެންވާ ރަގަޅު ގޮތުގައި ބޭނުންކުރެވޭނެ ފަދަ މާހައުލެއް ގޭތެރޭގައި ގާއިމުކޮށް
ފަހިކޮށްދޭން ޖެހެއެވެ. ޝައުގުވެރިކަމާއި ވިސްނުންތެރިކަމާއެކު ގަޔާވެގެން
ފޮތްކިޔުމަށް، މަޑުމައިތިރި އަމާން މާހައުލެއް ބޭނުންވެއެވެ. ޓީވީގެ ބާރުއަޑާއި،
ގެއާއި ގޯތިތެރެއިން އަދި ބޭރުން އަންނަ ހަލަބޮލިކަމުގެ އަޑުތަކުގެ ތެރޭގައި
ކުދިންނަށް ފޮތްކިޔުމަށް ދޭންވާ ސަމާލުކަން އޮންނާނީ ނުދެވިއެވެ. ކުދިންނަށް
ފޮތްކިޔުމަށް ފަހި މާހައުލެއް ގާއިމުކޮށް ދިނުމަށް ބެލެނިވެރިންނަށް ކުރެވިދާނެ
އެންމެ މުހިންމު އެއްކަމަކީ އެކަމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅާ އެވަގުތު
ތަކުގައި ކުދިން އެހެން ހުރިހާ ކަމަކުން ދުރުކޮށް ފޮތްކިޔުމުގެ ތެރެއަށް
ގެނައުމެވެ. ގޭތެރޭގެ މާހައުލު އެކަމަށް ހާއްސަ ކުރުމެވެ. ބެލެނިވެރިންވެސް
އެކަމަށް ތައްޔާރުވެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
4.
ހިތްވަރުދިނުމާއި ތަރުހީބު ދިނުން: އާންމު ގޮތެއްގައި ބެލެނިވެރިންނަށް ފާހަގަ ކުރެވި ވާހަކަ ދެކެވެނީ ކުދިން
ކުރާ ގޯސް ކަންތައްތަކާއި ބެހޭ ގޮތުންނެވެ. އެހެންނަމަވެސް ކުދިންގެ ފަރާތުން
ފެންނަ ރަގަޅު ކަންތައްތަކާއި އާދަތަށް ފާހަގަކޮށް އެކަން އެގޮތުގައި
ކުރިއަށްގެންގޮސް ތަރައްގީކުރުމަށް ބާރުއަޅާ، ހިތްވަރުދީ، އެކަންކަމަށް ތަރުހީބުދީ
ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކުއްޖާއަކީ ކިޔުންތެރިކަމުގެ ގޮތުން ކިތަންމެ
ދަށް ހަރުފަތެއްގައި ހުރި ކުއްޖެއްކަމުގައި ވިޔަސް، ނުވަތަ ފަރިތަކަމާއެކު ގަޔާވެގެން
ފޮތްކިޔާ ހަދާ ކުއްޖެއް ކަމުގައި ވިޔަސް، ކުއްޖާގެ ކުރިއެރުން ބެލެނިވެރިން ފާހަގަ ކުރާންޖެހެއެވެ.
ކުއްޖާއަށް ތަރުހީބު ދިނުމުގެ ބަސްތަކުން ހިތްވަރު ދޭންޖެހެއެވެ. ކަނޑައަޅާފައިވާ
ވަކި ލަނޑުދަނޑިއަކަށް ހާސިލުވެއްޖެ ނަމަ ކިޔުންތެރިކަމަށް ހިތްވަރު ދިނުމުގެ
ގޮތުން އެކުދިން ޝައުގުވެރިވާ އިތުރު ފޮތްފަދަ ތަކެތި އެކުދިންނަށް
ހޯދާދެވިދާނެއެވެ.
5.
ކުދިންނާއި އެކު ޝާމިލުވުން: ކުދިންގެ
ކިބާގައި ކިޔުންތެރިކަމަށް ލޯބިޖައްސުވާ އެކަމުގެ އާދަ އާއި ހުނަރު އެކުދިންގެ
ކިބާގައި ހަރުލެއްވުމަށް ބެލެނިވެރިން އެކުދިންނާއި އެކު އެކަށީގެންވާ ވަގުތެއް
ހޭދަކުރަން ޖެހޭނެއެވެ. ފޮތްކިޔާ ހެދުމަކީ މުޅި އާއިލާ އެކަމުގައި ޝާމިލުވާ މަޖާ
ކަމަކަށް ހެދިއްޖެނަމަ ވަރަށް ފަސޭހައިން އެކަމަށް ކުދިންގެ ކިބާގައި ޝައުގުޖެހި
އެކަމުގައި އަމިއްލައަށް ކުދިން ހަރަކާތްތެރިވާން ފަށާނެއެވެ. އާއިލާގެ ކުދިބޮޑު
އެންމެހާ މެންބަރުން އެއްތާކު ތިބެ އެއްބަޔަކު އަނެއް ބަޔަކަށް ފޮތްފޮތުން ވާހަކަ
ކިޔާދީ، މައުލޫމާތު ބަދަލުކޮށް އެކިޔުނު އެއްޗަކާއި މެދު ވާހަކަ ދައްކާ ހެދުމަކީ
ކިޔުންތެރިކަމުގެ އާދަ ކުދިންގެ ކިބާގައި ހަރުލެއްވުމަށް އެޅިދާނެ ވަރަށް މުހިންމު
ފިޔަވަޅެކެވެ.
މަތީގައި މި ފާހަގަ ކޮށްލެވުނީ ކުދިންގެ ކިބާގައި
ކިޔުންތެރިކަމުގެ ރަގަޅު އާދަ އާއި ހުނަރު ހަރުލެއްވުމަށް ބެލެނިވެރިންނަށް
ކުރެވިދާނެ މުހިންމު ބައެއް ކަންކަމެވެ. މި ފާހަގަކުރެވުނު ކަންތައްތަކުގެ
އިތުރަށްވެސް ތަފާތު ކަންތައްތައް ވަގުތާއި ހާލަތާއި ގުޅޭގޮތުން ބެލެނިވެރިންނަށް
ކުރެވިދާނެއެވެ. މުހިންމު ކަމަކީ، ކިޔުންތެރިކަމުގެ ފައިދާ ރަގަޅަށް ދެނެގަނެ މިކަން
ދިރުވާ އާލާކުރަން ކޮންމެ ބެލެނިވެރިއަކުވެސް އަމަލީގޮތުން މަސައްކަތްތަކެއް
ކުރަން ފެށުމެވެ. ގޭތެރޭގެ މާހައުލު ކިޔުންތެރިކަމަށް ފަހި މާހައުލަކަށް
ބަދަލުކޮށްލުމެވެ. ކިޔުންތެރިކަން އާލާކުރުމަށް ކުރަންޖެހޭ މަސައްކަތަށް، ހޭދަކުރަންޖެހޭ ވަސީލަތްތަކާއި ވަގުތު އެކަމަށް ހޭދަކުރުމެވެ. މިކަމަކީ
އާއިލާގެ ކުދިބޮޑު އެންމެންވެސް ގަޔާވާ، ޝައުގުވެރި، މަޖާ ކަމަކަށް ހެދުމެވެ.