Friday, 29 March 2013

ސިޔާސީ ކަންކަމަށް ދެވިހިފުމަކީވެސް ބައްޔެކެވެ!



މުޅިގައުމު މިއޮތީ ސިޔާސީވެފައެވެ. ސިޔާސީ ވާހަކަ ދައްކަނީ އަދި ސިޔާސީ ހަރަކާތްތަކުގަައި ބައިވެރިވަމުންދަނީ ވަކި މިވެނި އެވެނި ވައްތަރެއްގެ މީހެކޭ ބުނެފަ މިއަދު ވަކި ބަޔަކާއި ދިމާއަށް އިގިލި ދިއްކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެން، ޒުވާނެއް މުސްކުޅިއެއް، މުއްސަންޖެއް ފަގީރެއް، ކަޅެއް ދޮނެއް ކިޔާނެ ކަމެއް ނެތެވެ. ސިޔާސީ ވާހަކަ ނުދައްކާ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވާ ހަމަ ވަކި މިވެނި ވައްތަރެއްގެ ބައެއް މި ދިވެހި ފަސްގަނޑުގައި ނެތޭ ބުނެވިދާނެއެވެ.

ސިޔާސީ ވާހަކަ ދެއްކުމާއި ސިޔާސީ ހަރަކާތް ތަކުގައި ބައިވެރިވުމަކީ ގޯސްކަމެކޭ ބުނުންވެސް ވާނީ ގޯސް ކަމަކަށެވެ. އެހެން ނަމަވެސް އެންމެން ގަބޫލުކުރާ، އެންމެން ދަންނަ ހަގީގަތަކީ، ކަމަކަށް ވަކިވަރަކަށްވުރެ ބޮޑަށް ދެވިހިފާ، އެނޫން އެހެން ކަމެއް ނުކުރެވޭ ވަރަށް އޭގެ އަވާގައި ޖެހި، އަސްލު އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް ބުރޫއަރާ ހިސާބަށް ދިޔާމާ، ދެން އެހިސާބުން އެވީ ގޯސްކަމެވެ. މިއަދު މިގައުމުގައި ސިޔާސީ ކަންކަމަށް ދެވިހިފާ ނެއްޓެން ނޭންގި ނުވަތަ ނެއްޓެން އުނދަގޫވެފައި ތިބި މީހުންގެ އަދަދު މި އަވާގައި ނުޖެހި ތިބި މީހުންގެ އަދަދަށްވުރެ އެތަށް ގުނައަކަށް އިތުރުވާނޭކަން ކަށަވަރެވެ.

އެކަނި މާއެކަނީ އިންނައިރުވެސް ހިތުގެ ތެރެއަށް އަރާ ފައިބަމުން ދާނީ ސިޔާސީ ބަނދިވަރުތަކެވެ. ދެމީހަކު އެއްވިޔަސް ދެކެވޭ އަޑު އިވޭނީ ސިޔާސީ ވާހަކައެވެ. އެހެން ވާހަކައެއް ދެއްކިޔަސް އާންމު ހާލަތުގައި އެވާހަކައެއް ނިމިގެންދާނީ ކޮންމެވެސް ސިޔާސީ ކުލައެއް ޖައްސާފައެވެ. ދެމަފިރިންގެ ދެމެދުގައި ދެކެވޭ ވާހަަކަތަކާއި އާއިލާތެރޭގައި ދެކެވޭ ވާހަކަތަކުގެ ބޮޑު އިންސައްތައެއް ހިއްސާކުރާނީ ހަމަ ސިޔާސީ މަޝްރަހުގެ ވާހަކަތައް ކަމުގައި ބުނެވިދާނެއެވެ. އެކުވެރި ރަހުމަތްތެރިންނާއި އެކު ކޮފީއަކަށް ނުވަތަ ސައިތައްޓެއް ބޯލަން ދިޔަސް ކޮންމެވެސް ހިސާބަކުން ސިޔާސީ ބަހުސެއް ކުރިއަށް ނުގެންގޮސް ނިންމާލުންވާނީ ފޫހި ކަމަކަށެވެ.

ކޮންމެއަކަސް ގައުމުގެ އާބާދީގެ ބޮޑު ބައެއް މިއޮތީ ސިޔާސީ ވަބާގައި ޖެހި ބަލިވެފައެވެ. އެއްބަޔަކު އެކެއްގެ ފަހަތުން ނުނެއްޓެވި އުޅޭއިރު އަނެއްބަޔަކު އަނެކެއްގެ ފަހަތުން ނުނެއްޓެވިގެން އުޅެނީއެވެ. ތިމާ ތާއިދު ކުރާ ފިކުރުގެ މީހުންނަށް ކުރެވޭ ގޯސް ކަމެއް، ބުނެވޭ ނުބައި ބަހެއްވެސް އޮންނަނީކީ ނޫނެވެ. އެއީ ތިމާގެ ލޮލުގެ ކުރިމަތީގައި އެކަމެއް ހިނގާދިޔަ ކަމުގައި ވީނަމަވެސް ވެހެވެ. މި ބަލި ވެފައިވާ މީހުންގެ އެންމެ ބޮޑު އަލާމާތަކީ ބަސްގިނަވުމާއި އަމިއްލަ ވިސްނުމުން އެއްވެސް ކަމަކާއި ދޭތެރޭ ނުވިސްނުމެވެ. އަބަދުވެސް ނަކަލުވެގެން އަންނާނީ ތިމާ ގަބޫލުކުރާ ފިކުރުގެ ބޮޑުން ޕޯޑިއަމްތަކާއި މީޑިއާތަކުގައި ފަތުރާލާ އަޑުތަކެވެ.

ސިޔާސީ އަވާގައި ޖެހި ވާގިނެތެމުންދާ މި ދިވެހި ގައުމުގެ އަފްރާދުންގެ ހާލަތަކީ ވަރަށް ނިކަމެތި ހާލަތެކެވެ. އާއިލާތަކުގެ ތެރެއަށް ސިޔާސީ ފަނި ވަދެ އާއިލާތަށް ރޫޅިގެން ދަނީއެވެ. އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި، ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާލަނީއެވެ. ޒަމާންވީ އެކުވެރި ރަހުމަތްތެރިން ހަތުރުންނަށް ބަދަލުވެގެން ދަނީއެވެ. ގާތް އަވަށްޓެރިންނާއި އޮތް ގުޅުން ދުޝްމަނުކަމަށް ބަދަލު ކޮށްލަނީއެވެ. ސިޔާސީ ބަލީގައި ޖެހި ލަދުވެތިކަމާއި، އިހްތިރާމް ކުރުމާއި، އެހީތެރިވެދިނުމުގެ މާތް އާދަތަށް ނައްތާލާ، އޭގެ ބަދަލުގައި، ދެބައޮޑުވުމާއި، ނުބައި ބަސްތަކުން އެއްޗެތިގޮވާއ،ި އަޑުގަދަކުރުމާއި، ދުއްތުރާކޮށް އުނދަގޫކުރުމާއި، އެއްވެސް ރަހުމެއްނެތި އަނިޔާވެރިކަން ފާޅުކުރަމުން މިހިރަގެން ދަނީއެވެ. 

މަލްޓިޕާޓީ ނިޒާމާއި، ޑިމޮކްރަސީއާއި، އިންސާނީ ހައްގުތަކާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މި ފަދަ އަވާމެއްދުރުތައް އެކަތި އަނެކައްޗާއި މަސްހުނިވެގެން އުފެދޭ ނުރައްކާތެރި ބާރުގަދަ ވައިރަސްތަކާއި ޖަރާސީމުތަކުން މުޅިގައުމުގެ ތިރިއާއި މަތި މިދަނީ ފަނާވެ ނެތެމުންނެވެ. މުޅިގައުމު މިއޮތީ ސިޔާސީ ބަލީގެ ޝިކާރައަކަށްވެފައެވެ. މިބަލީގެ ކަންތައް މިހާ ނުރައްކާތެރި ހިސާބަކަށް ދިޔައިރު، ކަންތައްތައް މިހާރު ދާމަގުން ދާކަމުގައި ވަނީނަމަ ކުރިއަށް އޮތްތަނުގައި މިގައުމުގައި ދިރިއުޅެން ދަތިވާ ހިސާބަށް ކަންތައްތައް ދިޔުމަކީ ވަރަށް ގާތުގައި އޮތްކަމެއް ކަމުގައި ބެލެވެއެވެ.

އެހެން ކަމުން ހޮޔޮވިސްނޭ ކޮންމެ މުސްލިމް ދިވެހި ފަރުދަކުވެސް ފުންނޭވާއެއް ލުމަށްފަހު ވިސްނުމުގެ މިސްރާބު ހިނދުކޮޅަކަށް ނަމަވެސް އެހެން ދިމާލަކަށް ބަހައްޓާލަން އެބަޖެހެއެވެ.   ތިމަ ތިމާމެންނަށް މިބަލި ޖެހިފައިވާ މިންވަރާދޭތެރޭ ވިސްނާ ތިމާއާއި، ތިމާގެ އާއިލާއާއި، ގާތްތިމާގެ މީހުންނާއި، އަވަށްޓެރިންނާއި، އެކުވެރި ރަހުމަތްތެރިން، އަދި މުޅި މުޖުތަމައުގެ އެންމެހާ އަފްރާދުން މި ނުރައްކާތެރި ވަބާއިން ސަލާމަތްވާނީ ކިހިނެއްތޯ ވިސްނާ ފިކުރުކޮށް އަވަސް ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ. ތިމާގެ އަމިއްލަ ނަފްސުގެ ހައްގުގައެވެ. ތިމާގެ އާއިލާއާއި ގާތްތިމާގެ މީހުންގެ ހައްގުގައެވެ. އަވަށްޓެރިންނާއި އެކުވެރި ރަހުމަތްތެރިންގެ ހައްގުގައެވެ. މިލޮބުވެތި އިސްލާމީ ދީބުގެ އެންމެހާ އަފުރާދުންގެ ހައްގުގައެވެ.

Read this article from other sites
 

 

No comments:

Post a Comment