Sunday, 7 April 2013

ފިލާވަޅަށް ދޭންޖެހޭ ސަމާލުކަން އިތުރު ކުރާނީ ކިހިނެއް؟



ފިލާވަޅު ދަސްކުރާއިރު ފިލާވަޅަށް ދޭންވާ ސަމާލުކަން ނުދެވުމަކީ ނުވަތަ ދޭން އުނދަގޫވުމަކީ ވަރަށް ގިނަ ދަރިވަރުންނަށް ކުރިމަތިވާ މައްސަލައެއް ކަމުގައި ފާހަގަ ކުރެވެއެވެ. ރަގަޅަށް ސަމާލުކަންދީގެން ފިލާވަޅުތައް ދަސްކޮށް ހެދުމަކީ ކުލާހުގައާއި އަދި އިމްތިހާނުތަކުގައިވެސް ކާމިޔާބީ އާއެކު ކުރިއަށް ދިއުމަށް މުހިންމު ކަމެކެވެ. ތިރީގައި މި ހުށައަޅާލަނީ ފިލާވަޅު ދަސްކުރާއިރު ދޭންޖެހޭ ސަމާލުކަން އިތުރު ކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ މުހިއްމު 7 ކަމެކެވެ.

·        ކިޔެވުމަށް ހާއްސަ ކުރެވިފައިވާ މަޑުމައިތިރި އަމާން މާހައުލެއްގައި ކިޔަވަން އާދަކުރާށެވެ. ކިޔެވުމަށް ދޭންޖެހޭ ސަމާލުކަމަށް ހުރަސްއެޅޭނެފަދަ އެއްވެސް އުނދަގުލެއްނުވާ ތަނެއްގައި އިނދެގެން ކިޔަވާށެވެ. ކިޔަވަން ހާއްސަކޮށްފައިވާ ސަރަހައްދުން ކިޔެވުމަށް ބޭނުންވާ ފޮތްތަކާއި އިތުރު ތަކެތި ފަސޭހައިން ނެގޭނެ ގޮތަކަށް ތަރުތީބު ކޮށްފައި ބަހައްޓާށެވެ.

·        ނިންމަންޖެހޭ ފިލާވަޅުތަކާއި އެފިލާވަޅުތައް ނިންމަންޖެހޭ ތާރީޚްތައް ފަސޭހަކަމާއެކު ފެންނާނެހެން  ޓޭބަލެއް ނުވަތަ ޝެޑިއުލެއް ތައްޔާރު ކުރާށެވެ. އަދި މި ޓޭބަލް ނުވަތަ ޝެޑިއުލް ފަސޭހަކަމާއެކު ފެންނާނެ ގޮތަކަށް ބަހައްޓާށެވެ.

·        ދަސްކުރާ ފިލާވަޅުތައް އެންމެ ފަސޭހައިން ދޭހަވާ ވަގުތުތަކުގައި ކިޔެވުމަށް ފަރުވާތެރިވާށެވެ. ބައެއް ދަރިވަރުންނަށް ފިލާވަޅު ދޭހަވުމަށް އެންމެ ފަސޭހައީ ފަތިހުގެ ނުވަތަ ހެނދުނުގެ ކުރީކޮޅުގެ ވަގުތު ތަކަށް ވާއިރު ބައެއް އެހެން ދަރިވަރުންނަށް ހަވީރުގެ ވަގުތު ނުވަތަ ރޭގަނޑުގެ ވަގުތަކީވެސް ފިލާވަޅު ދަސްކުރުމަށް އެންމެ ފަސޭހަ ވަގުތުކަމުގައި ވެދާނެއެވެ.

·        ވަރުބަލިވެފައި ނުވަތަ ބަނޑުހައިވެފައި ހުރެގެން ކިޔަވަން ނީށީންނާށެވެ. އޭރުން ކިޔެވުމަށް ދޭންވާ ސަމާލުކަން ދިނުމަށް ބޭނުންވާ ހަކަތައެއް ނުހުންނާނެއެވެ. ދުޅަހެޔޮ ސިއްހަތަކ،ީ ސަމާލުކަމާއި އެކު ކަންކަން ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

·        ގިނަވަގުތު ނަގާ ބޮޑު ފިލާވަޅެއްނަމަ، އެ ފިލާވަޅު ބައިބަޔަށް ބަހާލާށެވެ. އަދި ކޮންމެ ބައެއްވެސް ވަކިވަކިން އެކިފަހަރު މަތިން ދަސްކުރަމުން ނުވަތަ ހަދަމުން ދާށެވެ. އެއްފަހަރާ މާގިނަ ވަގުތު ހޭދަކޮށްގެން އެއްކަމެއް ކުރަން އުޅުނީމާ ގިނަފަހަރު އޮންނާނީ ފޫހިވެ އެކަން ކުރަންޖެހޭ އެންމެ ފަރުވާތެރި ގޮތުގައި ނުކުރެވިފައެވެ.

·        ހަމަޖެހިލާށެވެ. މާބޮޑަށް ހާސްވެ ކަންބޮޑުވެ ހުރެގެން ފިލާވަޅު ދަސްކުރުމަށް ދޭންޖެހޭ ސަމާލުކަމެއް ނުދެވޭނެއެވެ. މާބޮޑަށް ދެރަވާކަހަލަ ފިކުރުތަކާއި ހިޔާލުތަކުން ދުރުހެލިވާށެވެ. ފަސްވަގުތު ނަމާދުކޮށް، ޤުރުވާންކިޔަވާ، ހެނދުނާއި ހަވީރުގެ ޒިކުރުތައްކޮށް، ކާމިޔާބީއަށް އެދި ގިނަގިނައިން ﷲއަށް ދުޢާ ކުރާށެވެ.

·        ދަސްކުރާ އެއްޗަކަށް ޝައުޤުވެރިކަން އުފެއްދޭތޯ މަސައްކަތް ކުރާށެވެ. ދަސްކުރާ ފިލާވަޅާއި އަމިއްލަ ހަޔާތާއި ގުޅުވާލެވޭތޯ ބަލާށެވެ. އޭރުން އެ ދަސްކުރާ އެއްޗަކީ ފައިދާ ހުރި އެއްޗެއްކަން އަމިއްލައަށް ވިސްނި އެ ފިލާވަޅު އިތުރަށް ދަސްކުރުމަށް އޮންނަ ޝައުޤުވެރިކަން އިތުރުވެގެން ދާނެއެވެ. 

ހަނދާންކުރާށެވެ. ފިލާވަޅަށް ދޭންޖެހޭ ސަމާލުކަން ނުދީ ފިލާވަޅު ދަސްކުރަން އުޅުމަކީ، ފޫވެއްޓިފައިވާ ބާލިދީއަކަށް ފެންއަޅާ އެ ބާލިދީ ފުރަން މަަސައްކަތް ކުރަން އުޅުން ކަހަލަ ކަމެކެވެ. ކިތަންމެ ގިނައިން ފެންއެޅިއަސް އެބާލިދީ އަކު ފެނެއް ހަރެއް ނުލާނެއެވެ.

Friday, 5 April 2013

ދަސްކުރަން ދަސްކުރަމާ!

  
    އިންސާނާ ދުނިޔެއަށް އުފަންވުމަށްފަހު މި ދުނިޔެ ދޫކުރަންދެން ދުވަސްތައް ހޭދަ ކުރަންޖެހިފައިވަނީ ދަސްކުރުމުގައެވެ. އެއީ ގަސްތުގައި އެއްޗެހިތަކެއް ދަސްކުރުމުގައި ނުވަތަ ގަސްތަކާ ނުލާ އެއްޗެހިތަކެއް ދަސްވުމުގައެވެ. އިންސާނާ މިދުނިޔޭގައި ހޭދަ ކުރާ ހަމަ ކޮންމެ ސިކުންތަކީ އެ އިންސާނާއަށް ލިބިދެވޭ އިތުރު ތަޖުރިބާއެކެވެ. ލިބިދެވޭ އިތުރު ފިލާވަޅު ތަކެކެވެ. ކަންކަން އުނގެނި ދަސްކުރުމަކީ އިންސާނީ ތަބީޔަތުގައި ﷲ ލައްވާފައިވާ މާތް މަތިވެރި ސިފައެކެވެ. އެހެން ނަމަވެސް، އެކި މީހުން ޝައުގުވެރިވަނީ އެކި ކަންކަން ދަސްކުރުމަށެވެ. އެކި ކަހަލަ ކަންކަން ތަޖުރިބާ ކުރުމަށެވެ. 

     ދަސްކުރުމުގެ ވާހަކަ ދައްކާއިރު،ފާހަގަ ކޮށްލަންޖެހޭ އަނެއް ހާއްސަ ކަމަކީ އެކި މީހުން ދަސްކުރުމުގައި ގެންގުޅޭ އުސޫލުތައް ތަފާތުކަމެވެ. ދަސްކުރުމުގެ ގޮތްތަކުގެ މައްޗަށް ވާހަކަ ދައްކާފައިވާ ތިއަރީތަކާއި އަދި މިދާއިރާގައި ހޯދާފައިވާ ޢިލްމީ ހޯދުންތަކުން ހާމަ ކޮށްދީފައިވަނީ އެކިމީހުންނަށް ދަސްކުރުމުގައި ފަސޭހަވަނީ އެކިގޮތްގޮތަށް ދަސްކުރީމާ ކަމެވެ. އަދި އެކަކު އެކި ކަހަލަ އެއްޗެހި ދަސްކުރުމުގައި ތަފާތު ގޮތްގޮތް ބޭނުން ކޮށްގެން ދަސްކުރުމުގައި ފަސޭހަކަން ހޯދާފާނެ ކަމެވެ. މިސާލަކަށް: ބައެއް މީހުންނަކީ ލިޔުންތައް ކިޔައިގެން ދަސްކުރާ ބަޔަކަށްވާއިރު، އަނެއް ބަޔަކު ތަފާތު ކުރެހުމާއި ތަސްވީރުފަދަ ތަކެއްޗަށް ބަލައިގެން ދަސްކުރަން ފަސޭހަވާކަން ވަނީ ހާމަވެފައެވެ. އަދި ހަމަ އެހެންމެ، އަޑުއަހައިގެން ދަސްކުރުމާއި އަދި ކަންކަން އަމަލީގޮތުން ތަޖުރިބާކޮށްގެން ދަސްކުރުމަކީވެސް ވަރަށްގިނަ ބަޔަކަށް ދަސްކުރުމުގައި ފަސޭހަކަން ލިބިގެންދާ ގޮތްތަކެއްކަން ވަނީ ހާމަ ވެފައެވެ.

     ދަސްކުރުމުގެ ގޮތްތަކުގެ އިތުރުން ދަސްކުރުމުގެ ތަފާތު ހުނަރުތައް އުނގެނި، ދަސްކުރުމުގައި އެހުނަރުތައް ބޭނުން ކުރުމަކީ، ދަސްކުރުމަށް އިތުރު އަވަސް ކަމަކާއި ފަސޭހަކަމެއް ލިބިދެވޭ ކަމެއްގެ އިތުރުން، ދަސްކުރުމުގެ މަސައްކަތަށް އިތުރު ޝައުގުވެރިކަމެއް ގެނުވާ، އަދި އެ ޝައުގުވެރިކަން ދަމަހައްޓާ ކަމެއް ކަންވެސް ހޯދުންތަކުން ސާބިތު ކޮށްދެއެވެ. ދަސްކުރުމުގެ ހުނަރުތައް ދަސްކުރުމަކީ، ދަސްކުރަން ދަސްކުރުމޭ ބުނެވިދާނެއެވެ. ދަސްކުރަން ދަސްކުރުމަކީ ވަރަށް ބޭނުންތެރި މުހިއްމު ކަމެކެވެ. ހާއްސަކޮން ސްކޫލް އަދި މަދަރުސާތަކުގައާއި، ކޮލެޖް އަދި ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުން، ދަސްކުރުމުގެ ހުނަރުތަށް އުނގެނި ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ނުހަނު ބޭނުންތެރި ކަމެކެވެ.

     ދަސްކުރުމުގެ ހުނަރުތަށް ދަރިވަރުންނަށް އެނގި އެތަންފީޒުކުރަން ފެށުމުން ތަފާތު ގިނަގުނަ ފައިދާތައް ދަރިވަރުންނަށް ލިބިގެންދެއެވެ. އެގޮތުން، ދަސްކުރުމަކީ ފޫހިކަމެއްނެތި ފޯރިއާއެކު ކުރާހިތްވާ ޝައުޤުވެރިކަމަކަށް ބަދަލުވެގެން ދެއެވެ. އަދި މީގެ އިތުރުން، ދަސްކުރުމުގައި ފަސޭހަކަމާއި އަވަސްކަންލިބި ދަސްކުރާއެއްޗެއް އިތުރު ތަފްސީލުތަކާއި އަދި ގުޅޭ މިސާލުތަކާއެކު ދަސްކުރުމަށް ބާރަކަށް ވެގެން ދެއެވެ. އަދި ހަމަ އެހެންމެ، ތަފާތު މާއްދާތަށް ދަސްކުރުމުގައި ގެންގުޅެންވީ އުސޫލުތައް ދަސްވެ އެމާއްދާއަކާއި ގުޅޭ ދަސްކުރުމުގެ ހުނަރުތަށް ބޭނުން ކުރަން ދަސްވެގެން ދިއުމާއެކު އެމާއްދާއަކާއި ގުޅޭ ދާއިރާތަކުން އިތުރަށް ވިސްނާ، ކަންކަމުގައި ފިކުރު ހިންގާ، ޢިލްމީ މަސައްކަތްތަށް ކުރަން ދަސްވެގެން ދެއެވެ.

     ދަސްކުރުމުގެ ގޮތްފޮތް އުނގެނި ދަސްކުރުމަކީ ދަސްކުރުމަށް އިޚްތިޔާރު ކުރެވޭ ކުރުމަގެން ނޫނެވެ. ނަމަވެސް އެމަގަކީ، ވަގުތު ބޭކާރުކުރުމާއި، ފޫހިކަމާއި އަދި ތަރުތީބެއްނެތި ކަންކަން ކުރުމުން ސަލާމަތް ކޮށްދޭ ދަސްކުރުމުގެ މަގެވެ. ދަސްކުރަން ދަސްކުރުމުން، ދަރިވަރުންނަށް އަމިއްލައަށް އުނގެނުމުގެ ލަނޑުދަނޑިތައް ކަނޑައަޅަން ދަސްވެއެވެ. ވަގުތު ތަރުތީބުކޮށް، އެންމެ ފުރަތަމަ އިސްކުރަންވީ ކަންކަން އެންމެ ފުރަތަމަ އިސްކުރަން ދަސްވެއެވެ. ދިރިއުޅުމުގެ ވައްޓަފާޅި، އުނގެނުމަށް ބާރުލިބިދެވޭ ގޮތަށް ބައްޓަން ކުރަން ދަސްވެއެވެ. ކިޔުމާއި، ވާހަކަދެއްކުމާއި، ބަހުސްކުރުމާއި، ނޯޓް ނެގުންފަދަ މުހިންމު ހުނަރުތައް ދަސްވެއެވެ.  ވިސްނުމާއި އުނގެނުން ތަރައްޤީކޮށްދޭ ކެއުންބުއިމުގެ ބާވަތްތަކުގެ މައުލޫމާތު ލިބިދެވެއެވެ. ބިރުގަތުމާއި އަދި ހާސްވެ ކަންބޮޑުވުމުން ދުރުކޮށްދީ، ނިދި މެނޭޖް ކުރަން ދަސްވެއެވެ. އަދި މިނޫނަސް ތަފާތު ގިނަގުނަ ފައިދާތައް މިކަމުގައި އެކުލެވިގެން ވެއެވެ.